ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން، އެޗްޑީސީ އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ހަވާލުކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ތެރެއިން، ކަންނެލި މަސްވެރިކަން ތަރައްގީކުރުމުގެ ހިމެނޭ މުހިންމު ވައުދުފުޅެކެވެ.

މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި މަސް ބަންދު ކުރާ ފެސިލިޓީ އެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައިއެވެ. މި އެއްބަސްވުމަކީ ދިވެހި މަސްވެރިންނަށް އެކަށޭނަ އަގުތަކެއް ހޯދައިދިނުމާއި، ކަންނެލި މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފެށިގެންދާނެ މަސައްކަތެކެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން ގާއިމުކުރާ މި ފެސިލިޓީގައި، ކަންނެލި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ޕެކޭޖްކުރުމާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ.

ކަންނެލި މަސްވެރިކަން ތަރައްގީކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން، އެޗްޑީސީއިން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުން،

ބިން ހަވާލުކުރުމަށް އިއްޔެ އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، އަލީ ޒުހައިރެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.

މިފްކޯގެ މަސް ބަންދުކުރާ ގާބިލުކަން އިތުރުކުރުމަށް ތަރައްގީކުރާ މި ފެސިލިޓީއަކީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ގާބިލުކަން ހުންނާނެ ފެސިލިޓީއެކެވެ.