މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ މެނޭޖްމަންޓުން ސްރީލަންކާ–މޯލްޑިވްސް ބިޒްނަސް ކައުންސިލް އާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އާއި މެނޭޖްމަންޓްގެ ސީނިއާ ބޭފުޅުން ބައިވެރިވަޑައިގަތެވެ. މިއީ މި ވަގުތު ރާއްޖެއަށް ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ މަތީ ފަންތީގެ ވަފުދުން ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ ބައްދަލުވުމެއްކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުގެ މެދުގައި އޮތް ގުޅުން ހަރުދަނާކުރުމާއި، ދިވެހިރާއްޖެ އާއި ސްރީލަންކާގެ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް ދެ ފަރާތުން އެއްބާރުލުން ދީގެން ކުރެވިދާނެ މަސައްކަތްތަކާއި ވިޔަފާރީގެ ދާއިރާއިން އިތުރު ފުރުސަތުތައް ހޯދުމަށް މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ބަނދަރުތަކާއި މެރިޓައިމް ލޮޖިސްޓިކްސް ހިދުމަތްތައް ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އެމްޕީއެލްއިން ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އިތުރަށް އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ބައިނަލްއަގްވާމީ މާކެޓްތަކުން ރާއްޖެއަށް ލިބެންހުރި ފުރުސަތުތައް އިތުރަށް ދިރާސާކޮށް، އެފަދަ ފުރުސަތުތައް ރާއްޖޭގެ ވިޔަފާރިވެރިންނަށް ހުޅުވައިދިނުމަށް މަގު ފަހިކޮށްދިނުން ކަމަށެވެ.