މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) އޭނާގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އޭނާގެ ގެއަށް ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިއަދު މައީޝާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ދައްތައަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ގުޅާފައިވާކަމަށެވެ. އަދި މައީޝާގެ ދެ އަހަރުގެ ދަރިފުޅު ބެލުމުގައި އިހުމާލުވެފައިވާތީ ކުއްޖާ ނެގުމަށް ބޭނުންވާކަމަށް މިނިސްޓްރީން ބުނެފައިވާކަމަށް އޭނާގެ ޕޯސްޓުގައި ވެއެވެ. އެންމެ ފުރަތަމަ ހީކުރީ އެއީ ޕްރޭންކް ކޯލެއް ކަމަށް ކަމަށާއި ފަހުން ނަންބަރު ވެރިފައި ކުރުމުން އެއީ މިނިސްޓްރީގެ ނަންބަރެއްކަން ޔަގީންކުރެވުނު ކަމަށް މައީޝާ ވަނީ ބުނެފައެވެ.
މީގެ އިތުރުން މައީޝާ ބުނީ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް އޭނާގެ ދަރިއެއް ނުހުންނަކަމަށާއި މީހަކާއިވެސް ނީންނަކަމަށް ބުނެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ކަން ހިނގާފައިވާ އޮތްގޮތް ބެލުމަށް ފަހު ގުޅާނެ ކަމަށް ބުނެ ޖަވާބެއް ދިނުން ފިޔަވައި އިތުރު ކަމެއް މިނިސްޓްރީގެ ފަރާތުން ސާފު ނުވި ކަމަށް އޭނާ ވަނީ ބުނެފައެވެ.
މައީޝާ ބުނީ އެ ކޯލުގެ ފަހުން މިނިސްޓްރީގެ އޮފިޝަލުން އޭނާ ހޯދަން އޭނާގެ ގެއަށް ވެސް މިއަދު ދިޔަ ކަމަށެވެ. އަދި އެނޯނިމަސް ރިޕޯޓެއް ދިޔައީ ޕޮލިހަށްކަމަށާއި، ޕޮލިހުންގެ ފަރާތުން ލިބުނު މައުލޫމާތާއި ގުޅިގެން މި މައްސަލަ ބަލަމުން ދާކަމަށް މިނިސްޓްރީން ހާމަކޮށްފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.
އިތުރަށް މައީޝާ ބުނީ މިނިސްޓްރީން ފަހުން އޭނާގެ ދައްތައަށް ގުޅައި، މިއީ އޮޅުމެއް ކަމަށް އެއްބަސްވެ މާފަށް އެދުނުކަމަށެވެ. އެހެންނަމަވެސް މީހަކާ ނީނދެ ދަރިއަކު ހުންނަ ކަމަށް ބުނެއަޑުތައް ފެތުރި، އޭނާގެ އަގު ވެއްޓި، އަބުރު ކަތިލެވިފައިވާތީ މައީޝާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިނިސްޓްރީން ފަހުން އޭނާއަށް ވެސް ގުޅައި މާފަށް އެދުނު ކަމަށާއި އެކަމަކު، މިއީ މާފަށް އެދިގެން ނިންމާލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލައެއް ކަމަށް މައީޝާ ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.