19 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފިއެވެ.
ލ. ކަލައިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް އިއްޔެފަށާފައިވާއިރު އެއީ އެ އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރި 19 ވަނަ އަތޮޅުކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ލ. އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން 19 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވިފައިވާ ކަމަށެވެ.ރައްޔިތުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބީއެމްއެލްއިން މަސައްކަތް ކުރަމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ. އެގޮތުން މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 200 ސެލްފްސާވިސް ބޭންކިން ސެންޓަރު، 258 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ގާއިމްކުރާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.