ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު 60 ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިޒު ސަސްޕެންޑު ކުރީ އޭނާ އާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ދެ މައްސަލައަކާއި ގުޅިގެންނެވެ. އެއީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެންނެވެ.
އެހެންކަމުން ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަކަށް ފާއިޒު ވަނީ ސަސްޕެންޑުކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި ފާއިޒު މީގެކުރިންވެސް 60 ދުވަހުގެ މުއަދްތަކަށް ސަސްޕެންޑު ކޮށްފައިވެއެވެ. އެއީ 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ހިމެނޭކަމުގެ ތުހުމަތުގައެވެ.
ނަމަވެސް ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް އިން ހެދި އޯޑިއޯތަކުގެ ފޮރެންސިކް އެނަލިސިސް އިން އެ އޯޑިއޯ ގައިވާ އަޑާއި ގާޒީ ފާއިޒުގެ އަޑު ދިމާނުވާ ކަމަށް ބުނެ އޭނާގެ ސަސްޕެންޝަން އެއިރު އުވާލިއެވެ.