މާލެއަށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި 3 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

މިއީ މާލެ ސަރަހައްދުގައި މިދިޔަ ރޯދަ މަހު މާލެ އާއި ހުޅުމާލޭގައި ފުލުހުންނާއި ސިފައިން ވެގެން ހިންގި ކައުންޓަ ޓެރަރިޒަމްގެ އޮޕަރޭޝަންގެ ތެރެއިން ލިބުނު މައުލޫމާތަކާއި ގުޅިގެން ހައްޔަރު ކުރި 3 މީހުންނެވެ. ފުލުހުން ބުނީ މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި ހައްޔަރުކޮށް ދައުވާ ކޮށްފައިވަނީ:

  • އަބްދުﷲ ހުވައިރިސް ބިން މުހައްމަދު (މ. އެޗީވް)
  • ސައުސަން ރަޝީދު (ހިތަށްފިިނިވާގެ، ގދ. ނަޑެއްލާ)
  • އިބްރާހީމް ވިސާމް (ފިނިފެންމާގެ، ސ. މަރަދޫ)

މި މީހުންގެ މައްޗަށް ދައުވާކޮށް މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މި 3 މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ތާއީދުކުރާ ބަޔެއް ކަމަށެވެ.

ހުވައިރިސްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ހަނގުރާމައަށް މީހަކު ފޮނުވުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު ސައުސަންގެ މައްޗަށް ކޮށްފައިވަނީ ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އަދި ވިސާމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިސްޓު ޖަމާއަތަަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.