އެމްއޭސީއެލްގެ ބޯޑުގެ މެންބަރުކަމުން މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކޮށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުޖުތަބާ ލަތީފް ބޯޑަށް އައްޔަންކޮށްފިއެވެ.

އެމްއޭސީއެލްގެ ބޯޑުން ރިޔާޒު ވަކިކުރީ އޮކްޓޯބަރު 18، ގަ އެވެ. އޭނާގެ ބަދަލުގައި މުޖުތަބާ އެ ކުންފުނީގެ ބޯޑަށް އައްޔަނުކުރިކަން މިއަދު ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން ވެސް އެ ކުންފުނީގެ ބޯޑުގެ ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ އަދަދު ވަނީ 7 އިން 9 އަށް އިތުރުކޮށްފައެވެ. އެ ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވަނީ:

  • އައިޝާ ނޫރްއައިން ޖަނާހް (އެމްއޭސީއެލްގެ ޗެއާޕާސަން)
  • އިބްރާހިމް ޝަރީފް މުހައްމަދު (މެނޭޖިން ޑިރެކްޓަރު)
  • ސަހާރް ވަހީދު
  • އިބްރާހިމް ސިޔާދު ގާސިމް
  • މުހައްމަދު މިހާދު
  • އިބްރާހިމް މަހުދީ އެވެ.

އެމްއޭސީއެލްގެ ބޯޑަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނައިރު ދާދި ފަހުން އެ ކުންފުނިން ވަނީ ބިން ހިއްކުމާއި އުމްރާނީ މަސައްކަތްތައް ހިންގަން ޕެނިންސިއުލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އާ ކުންފުންޏެއްވެސް އުފައްދާފައެވެ. އޭސީއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ ވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފުއެވެ.

އެ ކުންފުނީގެ ޑިރެކްޓަރުންނަކީ އިބްރާހިމް ޝަރީފު މުހައްމަދު (އެމްއޭސީއެލްގެ އެމްޑީ)، މުހައްމަދު މިހާދު (އެމްއޭސީއެލް ބޯޑު މެންބަރު)، އަހުމަދު އަސްއަދު ހާޝިމް، ޙުސައިން ރިޔާޒު، އަހުމަދު ސާނިއުއެވެ. ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގުމަށް ޕެނިންސިއުލާ ކުންފުންޏާ ބައިވެރިވާނެ ޕާޓްނަރުން ހޯދަން ވެސް އިއުލާންކޮށްފައި ވެއެވެ.

މީގެ އިތުރުން އިމާރާތް ކުރުމުގެ މަޝްރޫޢުތަކާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތާއި އެ ފަދަ މަސައްކަތްތަކަށް ބޭނުންވާ ހެވީ ވެހިކަލްތައް ކުއްޔަށް ދިނުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ކުރާނެ ކަމަށް އެ ކުންފުނީގެ އިއުލާނުގައި ބުނެފައިވެއެވެ.