އެހެން ރަށްރަށުން ލ. ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލު ނުދީ ހުރި ފަރާތްތަކަށް ދޭންޖެހޭ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމު ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ހަލާސްކޮށްދެއްވާނޭ ކަމަށް ރައީސްވެވަޑައިގެންފައިވާ ވައުދުފުޅަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ މިހާރު ފިނޭންސް މިނިސްޓްރީއިން ހަމަޖައްސާފައިވާ ކަމަށެވެ.

ހައުސިން އަދި ފިނޭންސް މިނިސްޓްރީގެ ޓީމުތައް ގޮސް އެކަމަށް ބޭނުންވާ މައުމާތުތައް ހޯދާނެ ކަމަށާއި ފައިސާ ނުދީ ހުރި ފަރާތްތަކަށް ކޮންމެ މީހަކަށް 50،000 ރުފިޔާގެ ރޭޓުން ފައިސާ ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެއީ 169 ފަރާތަކަށް ދޭންޖެހޭ ޖުމްލަ 8.45 މިލިއަން ރުފިޔާ ކަމަށެވެ.

މީގެއިތުރުން ގަމުގައި 100 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއަކާއި މިހާރު ހިނގަމުންދާ 100 ހައުސިން ޔުނިޓުގެ މަޝްރޫއުގެ އިތުރުން 100 ހައުސިން ޔުނިޓުގެ އިތުރު މަޝްރޫއެއް ހިމެނޭގޮތަށް ގަމުގައި ޖުމުލަ 300 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްގެންދާނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.