އެކަނިވެރި މައިންނަށް ދޭ އެލަވަންސް އަންނަ އަހަރުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންގެ ކޮންމެ ދަރިއަކަށް 3،000ރ. ލިބިގެންދާނެ ކަމަށެވެ. މިހާރު އެލަވަންސްގެ ގޮތުގައި 2،000ރ. އެލަވަންސަކަށް ދޭއިރު އެއް ކުއްޖަކަށް ވުރެ އިތުރުނަމަ ދެނީ ކުއްޖަކަށް 1،000ރ. އެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި މިކަމަށް 211 މިލިއަން ރުފިޔާ ހަމަޖައްސާފައިވާނެ ކަމަށެވެ. މީގެއިތުރުން ރައީސް ވަނީ އަންނަ އަހަރު ތެލަސީމިއާ ކުދިންނަށް ދޭ އެލަވަންސްވެސް އިތުރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަނިވެރި މައިންނާ ބަފައިންނަށް އަދި ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާވަރަށް ދެވޭ އެލަވެންސެއް ނޫން ކަމަށް މީގެ ކުރިންވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނުގެ ވިދާޅުވީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރައްވާނެކަމަށެވެ.
އަދި އަދި 3،000 ރުފިޔާގެ އެލަވަންސް ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށާއި، އެގޮތުން ޖުމްލަ 12،000 ރުފިޔާއާއި ހަމަޔަށް އެލެވެންސް ދެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.