ފައިސާ ޗާޕުނުކޮށް ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައިފިއެވެ.
ހައްދުންމަތީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަޑައިގަންނަވަނީ، އެ ވައުދުފުޅުތައް ފުއްދެވޭނެ ކަމުގެ ޔަގީންކަމާ އެކު ކަމަށާއި އަދި ސަރުކާރުގައި މަސައްކަތް ކުރާ އެންމެންވެސް މަސައްކަތް ކުރަނީ އެ އަޒުމުގައި ކަމަށެވެ. އެގޮތުން ސަރުކާރާއި، ސަރުކާރާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކާއި މަޖިލީހުގެ އިތުރުން އެހެނިހެން މުއައްސަސާތައް ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރަމުން ގެންދަނީ ވަރުގަދަ ރޫހެއްގައިކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިގްތިސާދު އޮތީ ނާޒުކު ހާލެއްގައި ކަމަށެވެ. އެގޮތުން ދައްކަން ޖެހޭ އެތައް ހާސް މިލިޔަން ރުފިޔާގެ ބިލުތައް ނުދައްކާ އޮތްކަމަށާއި މިހާރުވެސް 2000 މިލިޔަން ރުފިޔާގެ ބިލުތައް ނުދައްކާ އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް އައިރުވެސް އެތައް ބިލުތަކަށް ފައިސާ ދައްކާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އިގްތިސާދުވެސް ރަނގަޅު ކުރުވަމުން އަންނަކަމަށެވެ.
ރައީސް ވިދާޅުވީ އިގްތިސާދު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އަދި ރައްޔިތުންނަށް ވީ ވައުދު ފުއްދަވާނީ ފައިސާ ޗާޕުނުކޮށްކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި ރައީސް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން ފައިސާ ޗާޕުކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން 2.5 ބިލިއަން ރުފިޔާ ޗާޕުކޮށް ޕެންޝަން ފަންޑުން ނެގުމަށް މި ސަރުކާރުން ނިންމާފައިވާކަމަށް ބުނެ އިއްޔެ އިދިކޮޅު އެމްޑީޕީން ވަނީ ބަޔާނެއްވެސް ނެރެފައެވެ.