އެމްޕީއެލްގެ ޕޯޓުގައި ހުއްޓާ ދެ ކޮންޓޭނަރު ސިނގިރޭޓު ގެއްލުނު މައްސަލައިގައި ހައްޔަރުކުރި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އަދި މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގައި ހުރި ހ. ނިއުހެޕިނަސް، މުއާޒު އަލީ ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި މުއާޒުގެ އިތުރުން ހައްޔަރުކޮށްފައިވަނީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއްކަމުގައި ޒިވާރު އިސްމާއީލްއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އާރިފް އާއި ޒިވާރުގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު މުހައްމަދު ވަހީދުގެ ބަންދަށް ޖަހާފައިވަނީ 10 ދުވަހެވެ. އަދި މުއާޒުގެ ބަންދަށް ޖަހާފައިވަނީ 5 ދުވަހެވެ. މުއާޒުގެ ބަންދަށް ޖެހި 5 ދުވަސް މިއަދަށް ހަމަވާއިރު ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށެވެ.
ފުލުހުން ބުނީ ސިނގިރޭޓު ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. އަދި މި މައްސަލައިގައި މައުލޫމާތު ހާމަކުރެވޭނީ ތަހުގީގު ކުރިއަށްދާ މިންވަރަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.