އައްޑޫސިޓީ ހުޅުދޫގައި ޓުއަރިޒަމް ކުރިއަރުވައި އިންވެސްޓާ ކޮންފިޑެންސް އިތުރު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމަކީ ހުޅުދޫގައި ޓުއަރިޒަމް ކުރިއަރުވައި އިންވެސްޓާ ކޮންފިޑެންސް އިތުރު ކުރުމަށާއި، އާއްމު ރައްޔިތުންނާއި މެހުމާނުންގެ ބޭނުންތަކަށް ބީޗް ހެދުމާއި އުމްރާނީ ގޮތުން ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދުމަށްޓަކައި ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 21، 2025 ވާ އަންގާރަ ދުވަހުގެ ރޭ 08:30 ގައި ހުޅުދޫ ކޮމިއުނިޓީ ސެންޓަރު (ކުރީގެ ހުޅުދޫ ސްކޫލް) ގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މިފަދަ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ މި ދަނޑިވަޅަކީ އައްޑޫ ސިޓީ އިން ވަކިވުމަށް ހުޅުދޫ އަދި މީދޫގެ ގިނަ ރައްޔިތުން ވަކާލާތުކުރަމުން އަންނަ ދަނޑިވަޅެކެވެ. މިކަމުގައި ރައްޔިތުންގެ ހިޔާލު ވަރަށް ބޮޑަށް ތަފާތުވެފައިވާއިރު، އަައްޑޫ ސިޓީގެ ބައެއް ކައުންސިލަރުންނާއި ރައްޔިތުންގެ މެދުގައި ބަހުގެ ހަމަލާތައްވެސް ދަނީ ބަދަލުކުރަމުންނެވެ.

އެގޮތުން ސިޓީއިން ވަކިވުމަށް ހުޅުދޫ ކައުންސިލަރު ހުސައިން ފައިޒުއްރަހްމާން ދެކޮޅު ހަދަމުން އަންނައިރު، މިކަމާއި ގުޅިގެން ސިޓީއިން ވަކިވުމަށް ތާއިދުކުރާ ރައްޔިތުންގެ ފާޑުކިޔުންތައް އަންނަނީ ކައުންސިލަށް އަމާޒުވަމުންނެވެ. އަދި މިހާރު ބާއްވަން ނިންމާފައިވާ ބައްދަލުވުމާ ގުޅިގެން ވެސް ބައެއް ރައްޔިތުން އަންނަނީ ސުވާލު އުފައްދަމުންނެވެ.