ހދ. ހަނިމާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަނިމާދޫގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަނުގައި، މައްސަލައިގައި ތުހުމަތު ކުރެވޭ ހދ. ހަނިމާދޫ، ޑޯން ޝައިން، އަހްމަދު އަޒުމީ (40 އަހަރު) ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރުކުރި އިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ 6 ރަބަރު ޕެކެޓް ފެނިފައިވާއިރު އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގްރާމް ހުއްޓެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަޒުމީ ހުރިތަނުން ފެނުނު މަސްތުވާތަކެތި

ދޭތެރެ ދޭތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ފެންމަތިވަމުންދާއިރު މިއީ ރާއްޖޭގެ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަވެސް މެއެވެ. މި އަހަރުގެ މިހާތަނަށް އެފަދަ 1،546 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު ދުވަހުން ދުވަހަށް މިފަދަ މައްސަލަތައް ދަނީ އިތުރު ވަމުންކަން ފާހަގަކޮށްލެވެއެވެ.