ހުޅުމާލޭގައި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ 716 އުޅަނދެއްގެ މައުލޫމާތު ފުލުހުން އެއްކޮށްފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ މަސައްކަތްތަކެއް މި މަހުގެ 14 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން 716 އުޅަނދު ދެނެގަނެވިފައިވާކަމަށާއި، މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި މައުލޫމާތު މިހާރުވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިކަމަށެވެ.
ފުލުހުން ބުނީ މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުން ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއްވަންދެން މާލޭ މަގުމަތީގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ފުލުހުން ޓޯވެސް ކޮށްފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މި ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އެއް ދުވަހުން އަނެއް ދުވަހަށް އެއްގަމުގައި ދުއްވާ އުޅަނދު ގިނަވެ މަގުމަތި ތޮއްޖެހިފައިވުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވުމާއެކު ގޮންޖެހުންތަކުން އަރައިގަނެ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ރައްޔިތުންނަށް ކަށާވަރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.