ފައިދާހުރި ރަނގަޅު ކާނާ ހެޔޮ އަގުގައި ބާޒާރުން ލިބޭނެ މަގު ފަހިކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރުން ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމައެއް ހޯދުމުގެ އިތުރުްނ ދަރީންނަކީ ސިއްހަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ސިއްހީ އާދަތައް ހިފެހެއްޓުން ކަމަށެވެ. އަދި ގައުމީ ފެންވަރުގައި އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުވެސް ބާޒާރުން ލިބޭނެ މަގު ފަހިކުރުމަށް ސަރުކާރުން އަމަލީ ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެން ހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު 23 ބާވަތެއް ވަނީ އިތުރުކޮށްފައެވެ. އަދި އެ ބާވަތްތައް ބާޒާރަށް ނެރެ އެސްޓީއޯއިން ވަނީ އިއްޔެ ވިއްކަން ފަށާފައެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ހޭންޑް އިން ހޭންޑް ފޯ ބެޓާ ފުޑްސް އެންޑް އަ ބެޓާ ފިއުޗާ" އެވެ.