"އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލައި ގެއްލުނު 2 މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މަރުވި މީހާއަށް ތައުޒިޔާ ދަންނަވައި އެކްސްގައި ކުރްވި ޕޯސްޓެއްގައެވެ.

މަރުވެފައި އޮއްވާ ފެނުނު މީހަށް ތައުޒިޔާ ދަންނަވައި، ރައީސް ވަނީ މަރުހޫމުގެ ފާފަ ފުއްސެވުމަށާއި އާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ދުއާދަންނަވާފައެވެ. ރައީސް ވިދާޅުވީ ދުއާއަކީ މި ހާދިސާގައި ގެއްލިފައިވާ 2 މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުން ކަމަށެވެ.

މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ސިއްހީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، އާންމު ހާލަތަކަށް އައުމަށާއި ފަޅުވެރީންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް ވެސް ރައީސް ދުއާކުރެއްވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް ދޭނެ ކަމަށެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާއްސަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެއިތުރުން މޫސުން ގޯސް ހާލަތްތަކުގައި ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް ރައީސް އިލްތިމާސްކުރެއްވެވިއެވެ.

މާލެއިން ފުރައިގެން 7 މީހުންނާއެކު އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ކޮޅުވެއްޓިން ދަތުރުކުރަމުންދިޔަ މީހުންގެ ތެރެއިން 4 މީހަކު އެމްއެންޑީއެފްއިން ވަނީ ސަލާމަތްކޮށްފައެވެ. ގެއްލުނު މީހުން ހޯދުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިފައިވެއެވެ.