މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ހުއްޓައި 13.6 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ގެއްލުނު މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.

އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ސިނގިރޭޓުތައް ގެއްލުނުކަން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ފާހަގަވި ވަގުތުން ފެށިގެން، އެ ކުންފުނިން އެތެރޭގެ ތަހުގީގެއް ފަށައިފައިވާ ކަމަށެވެ.

އެގޮތުން އެމްޕީއެލްގެ ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށާއި އިއްޔެއިން ފެށިގެން އިތުރު މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަން އެމްޕީއެލްއިން ވަނީ ބުނެފައެވެ.

ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓްއިން މިހާރުވެސް އެ މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް ކުރިއަށް ގެންދާކަން އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް އެމްޕީއެލްއިން ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެމްޕީއެލްއިން ވަނީ ދީފައެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުނިން ބަލަހައްޓަމުންދާ ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި އެ ޕޯޓަކީ ދާއިމީކޮށް އައިއެސްޕީއެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ސެކިއުރިޓީ އާކިޓެކްޗާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދައުލަތުގެ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން އެ ކުންފުނިން ފަށާފައިވާކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެގޮތުން މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، ޑިފެންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް ފަށައިފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެމްޕީއެލްއިން ފާހަގަކޮށްފައިވާ ގޮތުގައި ކަސްޓަމްސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށް އެ މުއައްސަސާއެކު އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. އެ ބަދަލުތަކުގެ ތެރޭގައި ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުން ހިމެނެއެވެ.

މި މައްސަލައަކީ ފުލުހުން ވެސް ތަހުގީގުކުރަމުންދާ މައްސަލައަކަށްވުމާއެކު މި މައްސަލައާ ގުޅޭގޮތުން އެމްޕީއެލްއިން މައުލޫމާތު އާންމު ކުރަމުންދާނީ ފުލުުހުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް، ފުލުހުންގެ ތަހުގީގަށް ހުރަސްނޭޅޭ ގޮތަށް މައުލޫމާތު ހިއްސާކުރާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނީ މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށާއި އެންމެ ބޮޑު އަމާޒަކީ ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އެ ކުންފުންޏަށް އޮތް އިތުބާރު ދެމެހެއްޓުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފައިވާއިރު މިހާތަނަށް 12 މީހުން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.