ގާނޫނާ ހިލާފަށް، އައްޑޫ ސިޓީ މީދޫގެ ބޮޑު ބިމެއް، އެއްބަސްވުމެއް ވެސް ނެތި އަމިއްލަ މީހަކަށް ދޫކޮށްލި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މައްސަަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައިވަނީ މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަހްމާންއެވެ. މި މައްސަލައިގައި ބުނެފައިވަނީ އައްޑޫ މީދޫ ޓޫރިޒަމް ޒޯނުން 17،000 އަކަފޫޓުގެ ބިމެއް އާއްމުކޮށް އިއުލާނުކުރުމެއް ނެތި ސަންވިލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ދޫކޮށްފައިވާ ކަމަށެވެ. ތިން ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ސްލޮޓެއް އެެއްކޮށްލައި އެއް ބިމެއްގެ ގޮތުގައި ދޫކޮށްފައިވާކަމަށް ތުހުމަތުކޮށް އަބްދުއް ރަހްމާން ވިދާޅުވީ އެ ތިން ކުންފުނީގެ ހިއްސާދާރުންނަކީ އެއްބައެއް ކަމަށެވެ.
އަބްދުއް ރަހްމާން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ:-
- ސަންވިލް އަށް 17،000 އަކަފޫޓުގެ ބިމެއް ދޭން އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުން ހެދުމަށް ފަހު އެ ކުންފުންޏާ ހަވާލުކުރީ އަދި އެއަށް ވުރެ ވެސް ބޮޑު ބިމެއްކަން.
- ޕްލޮޓް ނަންބަރު ސީ4، ސީ5، ބީ1 އެއްކޮށްލައިގެން އެއް ސްލޮޓެއް ގޮތަށް ހަދައިގެން ދިންއިރު ދޫކޮށްފައިވަނީ ޖުމްލަ 64،583 އަކަފޫޓު ނުވަތަ 6،000 އަކަމީޓަރުގެ ބިމެއްކަން
- އެއް ބިމެއްގެ ގޮތުގައި ފަހުން ދޫކުރި ތިން ބިން ފުރަތަމަ ދޫކުރީ ސަންވިލްގެ އިތުރުން ރެއިން ޕްރައިވެޓް ލިމިޓެޑް ނަމަކަަށް ކިޔާ ކުންފުންޏަކާއި ފެހިމޫ ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ނަަމަކަށް ކިޔާ ފުންޏަކަށް
- މި ތިން ކުންފުނީގެ ހަގީގީ ހިއްސާދާރުންނަކީ އެއްބައެއް ނަމަވެސް ބައެއް ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި އެމީހުންގެ އަނބިން ތިބިކަން
- ސަންވިލް ކުންފުނީގެ އެއް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ އައްޑޫ ސިޓީކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިމާދު ސޯލިހާ ދެބެންގެ ދެދަރި ބޭފުޅެއް ކަން
މި މައްސަލައިގައި އަބްދުއް ރަހްމާން ވިދާޅުވީ ސިޓީ ކައުންސިލުން ރަސްމީ ވަޒީފާގައި އެސްޖީއަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، މޭޔަރު އަލީ ނިޒާރާ ގުޅިގެން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެސްޖީގެ އާއިލީ މަސްލަހަތު ހިމެނޭ ކުންޏަކަށް ގަވާއިދާ ހިލާފަށް މީދޫ ޓޫރިޒަމް ޒޯނުގެ ބޮޑު ސަރަހައްދެއް 50 އަހަރުގެ މުއްދަތަށް ދީފައިވާ ކަމަށެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށްވެސް މި މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކޮށް އަބްދުއް ރަހްމާން ވިދާޅުވީ އެތަންތަނުން މި މައްސަލައަށް ހައްލެއް ލިބޭނެކަމަށް ގަބޫލުނުކުރެވޭތީ މަޖިލީހުގެ ކޮމިޓީއަށް މި މައްސަލަ ހުށަހަޅާފައިވާކަމަށެވެ.