އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނުހައްގުން ހޯދާފައިވާ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ހާމަކޮށްފައިވަނިކޮށް، ހުޅުމާލެ ޕޮލިސްގެ ހިންގުން ދާއޫދު އަތުން ނަގާ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދަށް ހަވާލުކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިދިޔަ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި ދާއޫދަށް ކާކުކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ލިބުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމަކު އެ ގެއަކީ ދާއޫދު ނުވަތަ އޭނާގެ އަނބިމީހާގެ ގެއެއް ނޫންކަމުން އެ ގޭގެ ކުލި ދާއޫދުއަށް ލިބޭނެ ހަމައެކަނި ގޮތަކީ އެ ގެ ހެދުމަށް ދާއޫދު އިންވެސްޓު ކޮށްފައި އޮތުން ކަމަށާއި އޭނާ އަށް އެފަދަ ބޮޑު އިންވެސްޓްމެންޓެއް ކުރުމަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް އެފްޑަބްލިއު ރެސިޑެންސްއިން ދާއޫދު އެޕާޓްމަންޓު ގަނެފައިވާ މައްސަލައެއްވެސް ނާޒިމް ފާހަގަ ކުރައްވާފައި ވެއެވެ. މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ ދާއޫދާއި ގުޅުން ހުރި އިތުރު ބައެއް މައްސަލަތައްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ނިމިދިޔަ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނެވި ދުވަސްވަރު ބޮޑީ ކެމެރާ ގަތުމަށް ބީލަމަށް ހުޅުވާލުމަށް ފަހު ބީލަން ބާތިލްކޮށް، ސިންގަލް ސޯސް އުސޫލުން ކުންފުންޏަކަށް 66 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ދިން މައްސަލަ ހިމެނެއެވެ.
މި ދަނޑިވަޅުގައި ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، އަހުމަދު މުހައްމަދާ ހުޅުމާލެ ޕޮލިސް ހަވާލުކުރިއިރު ދާއޫދު ހުންނެވީ ޗުއްޓީއެއްގައި ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ފާހަގަކުރެވޭ ގޮތުގައި އަހުމަދު މުހައްމަދަކީ 2021 ވަނަ އަހަރު ޕޮލިސް ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން ވަޒީފާއިން ވަކިކޮށް ފަހުން ފުލުހުންގެ ވަޒީފާ އަލުން އިޔާދަކޮށްދީފައިވާ ބޭފުޅެކެވެ.