އައްޑޫ ސިޓީ ކައުންސިލް އެކުލެވޭނެ ގޮތާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ވޯޓަކީ ރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
އެ ޕާޓީން މިފަދައިން ބުނީ، ސަރުކާރުން އައްޑޫގައި ނެގުމަށް ތައްޔާރުވަމުންދާ ވޯޓާ ގުޅޭގޮތުން އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.
މިއަދު ނެރުނު އެ ބަޔާނުގައިވަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ، ރާއްޖެ ފަދަ ޑެމޮކްރެޓިކް އުސޫލުން ހިންގާ ޖުމްހޫރީ ދައުލަތެއްގައި މުހިންމު ކަމެއް ކަމަށެވެ.
އަދި އެކަން ކުރަންވާނީ، ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ބާރު އެންމެ ފުރިހަމައަށް ކަށަވަރުކުރުމުގެ ސާފު ސީދާ މަގުސަދުގައި ކަމަށްވުމަކީ ލާޒިމު ކަމެއް ކަމުގައި ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
ނަމަވެސް، މި ފަދަ ވޯޓެއް ނެގުމަށް އިއުލާނުކޮށްފައި މި ވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ބިލު ދިރާސާކުރުމަށާއި، އެ ބިލާމެދު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ފާސްކޮށްގެންކަމުގައި ވާތީ، މި ކަމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތްކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
"ދެންނެވުނު ބިލު މަޖިލީހަށް ހުށަހެޅުމާއެކު، އެ ބިލުގައި ހުރި ކަންބޮޑުވާ ކަންކަން ފާހަގަކޮށް، ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ހުށަހެޅި. މި ގޮތުން، ހިޔާލު ހޯދުމުގެ ވޯޓުތަކުގައި، ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް އޮންނަ ގޮތަށް އޮތް މާއްދާތައް ބަދަލުކޮށް، އެ ފަދަ ވޯޓުތައް ނަގަންވާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިންކަމުގައި ހެދުމަށާއި، އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ މައްސަލައާމެދު ދުރާލައި ކަނޑައެޅޭ ސާފު ސުވާލެއް ނުވަތަ ސުވާލުތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާނެ" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެކަމަކު އެއިން އެއްވެސް އިސްލާހެއް ބަލައިނުގަނެ، ބިލު ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ ސިޓީގެ އިދާރީ ހިންގުމުގެ އޮނިގަނޑު ބަދަލުކުރުމާގުޅޭ ގޮތުން ވޯޓު ނަގާ ދުވަސް އިއުލާނުކުރި ފަހުންވެސް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ވޯޓުގެ އެއް ސުވާލު އުނިކޮށްފައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އަދި ހަމަ އެހެންމެ އައްޑޫގައި ވޯޓް ނެގުމަށް މިހާރު ކަނޑައަޅައިފައިވާ މުއްދަތަކީ، މި ފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭންކުރުމަށް، އެކަށީގެންވާ މުއްދަތެއް ނޫންކަމަށާއި އެފަދަ ބަދަލަކާގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދީފައިނުވާކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
މިއީ ދޭދޭ ރަށްތަކުގެ މެދުގައި ޒަމާނުންސުރެ އުފެދިފައި ހުންނަ ބައެއް ކުދިކުދި ނުތަނަވަސްކަމާއި ދެބަސްވުންތައް ފިތުނައާއި ހަސަދައަށް ބަދަލުކޮށްގެން، އެ ކަންކަމުން ސިޔާސީ މަންފާ ހާސިލުކުރަން ސީދާ ރައީސް ކުރައްވަމުންދާ ކަމެއް ކަމަށް އެ ޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ. ލާމަރުކަޒީ ނިޒާމަށް ކުއްލި އެކިއެކި ބަދަލުތައް ގެނެސް، އެ ނިޒާމު މުޅިން ގަޑުބަޑު ކުރަމުންދާ ސަރުކާރަކުން މި ކަން ކުރަން އުޅެނީ، ރައްޔިތުންގެ ބާރު ކަނޑުވައިލައި، މުޅި ދައުލަތުގެ ނިޒާމުތައް ހަރާބުކުރުމަށްކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.