އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނުހައްގުން ހޯދާފައިވާ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފާހަގަވެފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިފަދައިން ވިދާޅުވީ މާލިއްޔަތު ކޮމިޓީއަށް ވިސްލްބްލޯވަރަކު ހުށަހެޅި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް އެކުލަވައިލި ސަބް ކޮމިޓީގައި، އެ މައްސަލަތަކުގެ ރިޕޯޓު އިއްވަމުންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މިދިޔަ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި ދާއޫދަށް ކާކުކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ލިބުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމަކު އެ ގެއަކީ ދާއޫދު ނުވަތަ އޭނާގެ އަނބިމީހާގެ ގެއެއް ނޫންކަމުން އެ ގޭގެ ކުލި ދާއޫދުއަށް ލިބޭނެ ހަމައެކަނި ގޮތަކީ އެ ގެ ހެދުމަށް ދާއޫދު އިންވެސްޓު ކޮށްފައި އޮތުން ކަމަށާއި އޭނާ އަށް އެފަދަ ބޮޑު އިންވެސްޓްމެންޓެއް ކުރުމަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް އެފްޑަބްލިއު ރެސިޑެންސްއިން ދާއޫދު އެޕާޓްމަންޓު ގަނެފައިވާ މައްސަލައެއްވެސް ނާޒިމް ފާހަގަ ކުރައްވާފައި ވެއެވެ.
އެފްޑަބްލިއު ރެސިޑެންސްއިން ދާއޫދު ގަނެފައިވާ އެޕާޓްމަންޓް:
- އެޕާޓްމަންޓް ގަތީ 4.1 މިލިއަން ރުފިޔާއަށް
- އެ އަގު ދެއްކީ 10 އިންސްޓޯލްމަންޓަަކަށް ބަހާލައިގެން ނަގުދު ފައިސާއިން
"މިކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި. މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައި. އެހެންވީމާ 10.5 މިލިއަނާއި 4.1 މިލިއަން ރުފިޔާ އެއްކުރީމަ ޖުމްލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓް ކްރިއޭޓު ކޮށްފައި މި ވަނީ. އެ އެސެޓްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ ބައެއް މައްސަލަތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ނިމިދިޔަ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކަށް މުހައްމަދު ހަމީދު ހުންނެވި ދުވަސްވަރު ބޮޑީ ކެމެރާ ގަތުމަށް ބީލަމަށް ހުޅުވާލުމަށް ފަހު ބީލަން ބާތިލްކޮށް، ސިންގަލް ސޯސް އުސޫލުން ކުންފުންޏަކަށް 66 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ދިން މައްސަލަ ހިމެނެއެވެ.
އަދި ހަމަ އެހެންމެ ފުލުހުންގެ ކޭޓަރިން ހިދުމަތަށް ޕޮލްކޯއާއި އަމިއްލަ ކުންފުންޏަކާ ދެމެދު އެއްބަސްވުމެއް ހެދީ އަމިއްލަ ކުންފުންޏަށް ނަހަމަ ފައިދާވާ ގޮތަށް އަދި ޕޮލްކޯއަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ކަމަށް ބުނާ މައްސަލައެއްވެސް ހިމެނެއެވެ.