ފުލުހުންގެ ބެލުމުގެ ދަށުގައި އައިޝަތު ޝިމަންގެ ފޯނު އޮތް މުއްދަތުގެ ތެރޭގައި 36 މިނެޓު ވަންދެން އޭނާގެ ފޯނުގައި ހުރި ފޮޓޯ އަދި ވީޑިއޯ ފުލުހުން ބަލާފައިވާ ކަމަށް ތުހުމަތު ކޮށްފިއެވެ.

މި މަހުގެ 8 ވަނަ ދުވަހު ޝިމަންގެ ފޯނު ހިފެހެއްޓުމަށްފަހު ދޫކޮށްލާފައި ވަނީ 12 ވަނަ ދުވަހުގެ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.

ކޯޓު އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ ރައީސް އަވަހާރަކޮށްލަން ހިތްވަރު ލިބޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެކްސްގައި ކޮމެންޓެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށް ބުނެއެވެ.

އެމްޑީޕީގެ ލޯޔަރު އަހްމަދު އައިކު އީސާ ވަނީ ޝިމަންގެ ފޯނުގެ "ބެޓެރީ ޔޫސޭޖް" ފެންނަ ފޮޓޮއެއް އެކްސްގައި ޕޯސްޓް ކޮށްފައެވެ. އެއިން ފެންނަ ގޮތުގައި ފުލުހުންގެ ދަށުގައި ޝިމަންގެ ފޯނު އޮތް މުއްދަތުގައި ގޫގުލް ފޮޓޯސް އެޕް 33 މިނެޓަށް ބޭނުން ކޮށްފައި ވެއެވެ. އަދި ފޮޓޯސް އެޕް 3 މިނެޓު ވަންދެން ވަނީ ބޭނުން ކޮށްފައެވެ.

މީގެއިތުރުން ޓެލެގްރާމް، މެސެޖު އަދި އެކްސް އެޕް 1 މިނެޓު ވަންދެން ބޭނުންކޮށްފައިވާ ކަމަށް ވެސް ބެޓެރީ ޔޫސޭޖްއިން ދައްކައެވެ.

ޝިމަންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް މުއްދަތުގެ ތެރޭގައި އޭނާގެ ޒާތީ ފޮޓޯތަކެއް ލީކުވި މައްސަލައެއް ފެންމަތިވެ، ފުލުހުންނަށް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެ ތުހުމަތުތައް އިންކާރުކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ އެ އިދާރާއިން ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ހުރިހާ ހެއްކެއް ވެސް ބެލަހައްޓަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ހެކީގެ ގޮތުގައި ހިފެހެއްޓި ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ތުހުމަތުކުރުމަކީ އެއްވެސސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާއިން ޝިމަން ހައްޔަރުކޮށްފައިވެއެވެ. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނާ އެ މައްސަލާގައި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.