ށ. ގޮއިދޫ އަދި ކަނޑިތީމު ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ރައީސް ށ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެރަށްތަކަށް ވަޑައިގެން މި މަޝްރޫއުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސް މުއިއްޒުއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ށ. ގޮއިދޫ އަކީ 796 މީހުންގެ އާބާދީއެއް އޮންނަ ރަށެއް ކަމަށާއި، ަނދަރުގެ ދަތިކަން މިރަށު ރައްޔިތުން ތަހައްމަލު ކުރާތާ ޒަމާންތަކެއް ވެފައިވާކަމަށެވެ. ރަށް އޮންނަ ސަރަހައްދުގެ ގޮތުން ހއ. އަދި އުތުރުގެ އެހެން އަތޮޅުތަކަށް ދަތުރުކުރުމަށް ގޮއިދޫ ބަނދަރު ވަރަށް ގިނައިން ބޭނުން ކުރާ ކަމަށާއި، މި ރަށަކީ ދަނޑުވެރި ރަށަކަށްވާތީ ދަނޑުވެރީންނަށް ބޭނުންވާ މުދާ ބޭރުކުރުމަށްވެސް މި ބަނދަރު ބޭނުންކުރާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައ،ި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީއެވެ.
އެމްޓީސީސީން ބުނީ ގޮއިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 39,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއ،ި 238 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމުގެ އިތުރުން 103 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް އަދި 374 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްވެެސް ކުރިއަށް ދާނެ ކަމަށެވެ.
މިއީ 68.39 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ ށ. ކަނޑިތީމަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރަށެއް ކަމަށާއި، މިއަދު ސޮއިކުރެވުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ލަފާފުރުމުގެ ދަތިތަކަށް ހައްލެއް ލިބ،ި އުނދަޅުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބިގެން ދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުނ،ް 76,705.85 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމާއ،ި 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއ،ި 150 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 544 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އިތުރަށް އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 84.12 މިލިއަން ރުފިޔާއަށް 380 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.