މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގައި ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އައްޔަނު ކޮށްފި އެވެ.
އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.
އެއާއެކު މީޑިއާތަކުން އިންތިހާބުކުރާ 4 މެންބަރުން ހޮވުމަށްޓަކައި އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައި އޮތް ނަމަވެސް މަގާމުތަކަށް ކުރިމަތިލީ މެންބަރުންގެ އަދަދު އިންތިހާބު ކުރަންޖެހޭ އަދަދަށް ހަމަވެފައިވާތީ ވާދަވެރި އިންތިހާބަކާ ނުލާ މީޑިއާތައް ތަމްސީލު ކުރާ ހަތަރު މަގާމަށް މެންބަރުން ވަނީ ހޮވިފައެވެ.
އެގޮތުގެ މަތިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބު ވެފައިވާ މީހުން:
- އަބްދުލްއަޒީޒް އިބްރާހީމް/ މޫނިމާގެ / ށ. ފޭދޫ
- ޒަމްއަތު އަހުމަދު ވަހީދު/ މަލަ / ގދ. ތިނަދޫ
އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބުވެފައިވަނީ:
- ސިމާހާ ނަސީމް/ ވެލީގެ / ގދ. ރަތަފަންދޫ
- ހުސައިން ޘަގީފް/ ހިސާން / ހދ. ވައިކަރަދޫ
މމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ އިންތިހާބު 2025ގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހުޅުވާލި ފުރުސަތު 190 ފަރާތަކުން ވަނީ ރަޖިސްޓަރީވުމަށް ހުށަހަޅައިފައެވެ.
ނިމިދިޔަ މީޑިއާ ކައުންސިލް އިންތިހާބާ އަޅާބަލާއިރު މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.
އެއީ، 2025 ޖޫން 21 ގައި މީޑިއާ ކައުންސިލްއަށް 3 މެންބަރުން އިންތިޚާބުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ފަރާތުން ބޭއްވި ބައި-އިލެކްޝަނުގައި މީޑިއާތަކުގައި މަސައްކަތްކުރައްވާ 313 ފަރާތްތަކުގެ ތެރެއިން ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވަނީ 78 ފަރާތެވެ.