ބޭންކް އޮފް މޯލްޑިވްސްއިން ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ މިންވަރު 5 ޕަސެންޓަށް އަށް ދަށްކޮށްފިއެވެ.

މިއީ ކުރިން ގެދޮރު ގަތުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި 20 ޕަސެންޓުން ފެށިގެން ކަނޑައަޅާފައިވާ ނިސްބަތަށް ގެނައި ހެޔޮ ބަދަލެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ދިވެހި އާއިލާތަކަށް ގެދޮރުވެރިކަން ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެޔޮ ބަދަލުތަކެއް ގެންނަމުން އަންނަކަމަށެވެ. ގެދޮރު ގަތުމަށް ފައިނޭންސިން ދޫކުރުމުގައި އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ ނިސްބަތް އެންމެ 5 ޕަސެންޓަށް ދަށްކުރުމާއެކު ގެދޮރުވެރިވާން ބޭނުންވާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު މާލީ އެއް ގޮންޖެހުމަށް ހައްލެއް ލިބިގެންދާނެކަމަށް މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

"މިސާލަކަށް، 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން 20 ޕަސެންޓު ގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، މި ބަދަލާއެކު އެ އަދަދު މިވަނީ 175,000 ރުފިޔާއަށް ދަށްވެފައި." މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ދާދި ފަހުން ބޭންކުން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު 3 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ.