"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމަކަށް ކިޔާ ފޭކް ފޭސްބުކް ޕޭޖުން ސްކޭމެއް ހިންގަމުން ވާހަކަ އަކީ މި އަހަރު ފެށުނު އިރު ވެސް އެމްޓީސީސީން ސަމާލުވުމަށް އެދި އިލްތިމާސްކުރަމުން އަންނަ "ފޭކް ފޭސްބުކް ޕޭޖް" އެއްގެ ވާހަައެެވެ. އަނެއްކާވެސް އެމްޓީސީސީން މި ވަނީ އެ ޕޭޖުން ހިންގާ ސްކޭމަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީން ބުނެފައި ވަނީ އެ ޕޭޖުން އާރްތީއެލް ސްމާތް ކާޑެއްގެ ނަމުގައި ހިންގަމުން އަންނަ ސްކޭމަށް ސަމާލުވުމަށެވެ. ފޭކް އެފްބީ ޕޭޖްތަކުންނާއި ނަންބަރުތަކުން ފޯނަށް ފޮނުވާ ލިންކްތަކަށް ނުފިތުމަށާއި އަދި ވަދެ ފައިސާގެ މުއާމަލާތްތައް ނުހިންގުމަށް އެމްޓީސީސީން ނަސޭހަތްތެރިވެއެެވެ. އަދި އާރްޓީއެލް ސްމާތް ކާޑުގެ ނަމުގައި އެ ހިންގާ ސްކޭމަކީ އެމްޓީސީސީއާއި އާރްޓީއެލްއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އަދި މިފަދަ ކަންކަމުން ސަމާލުވެ، އެ ކުނފުނީގެ ހިދުމަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެެވެ.

މިދިޔަ ޖޫން މަހުގެ އިތުރުން މިދަޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އެމްޓީސީސީން މި ސްކޭމާ ގުޅިގެން ބުނެފައި ވަނީ، އާރްޓީއެލް މެދުވެރިކޮށް 3 މަސް ވަންދެން ހިލޭ ދަތުރު ކުރުމަށް މަގުފަހިކޮށް ދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސަކަތް "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ކުރަމުންދާ ކަމަށެވެ. އަދި އެ ޕޭޖްގައި ހިންގަމުންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަމަށެވެ.

އެމްޓީސީސީގެ ފަރާތުން އާ ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފް ކުރާ ނަމަ އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން، ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެއެވެ. މިފަދަ ސްކޭމްތައް އާންމުވެފައިވާ އިރު މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ނުވަނުމަށް އަދި އެފަދަ ފަރާތްތަކާ އެއްވެސް މުއާމަލާތެއް ނުކުރާށެވެ.

އެމްޓީސީސީއަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަަމަގޮތުގައި ހިފައި ނުހައްގުން ފައިސާ ހޯދުމަށް ކުރާ މިފަދަ ނާތަހުސީބު އަމަލުތައް އެމްޓީސީސީއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.