ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ހައްގުވެރިންނާއެކު އެއްބަސްވުން ހެދުމަށްފަހު އެތަންތަނުގެ ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދާތާ 2 ހަފްތާއެއް ހާ ދުވަސްވެއްޖެއެވެ. މި ވޭތުވެ ދިޔަ ދެ ހަފްތާ ތެރޭގައި ގާތްގަނޑަކަށް 78 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެެވެ.

މި ވަގުތު ވެސް އެތަން ހުރީ ދިރިއުޅުން ބަދަލުވެވޭ ހާލަތުގައި ކަމަށާއި ފެނާއި ކަރަންޓާއި ބޭނުންވާ ހިދުމަތްތައް އެ ފްލެޓްތަކަށް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ނަމަވެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށީތާ ދެ ހަފްތާ ވެގެން އައި އިރު، މިހާރު ސޯޝަލް މީޑިއާއިން އެ ފްލެޓްތައް ކުއްޔަށް ދޫކުރަން ޖަހާފައި ހުރި ޕޯސްޓްތައް އަންނަނީ ފެންނަމުންނެވެ.

އެ ގޮތުން އެ އިމާރާތުގެ ބައެއް ފޮޓޯތައް ވެސް ހިއްސާ ކޮށް ތިން ކޮޓަރީގެ ފްލެޓް މަހަކު 25000 ރުފިޔާގެ ކުލީގައި ދޫކުރާ ކަމަށް ބުނެ ޖަހާފައިވާ ޕޯސްޓަށް ގިން ބައެއްގެ ފާޑު ކިޔުން އަންނަނީ އަމާޒުވަމުންނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެ ފްލެޓްތައް ދޫކުރުމަށް ފްލެޓް ލިބޭ ފަރާތާއެކު ވެފަިއވާ އެއްބަސްވުމުގައި ބުނާ ގޮތުގައި އެތަންތަން ކުއްޔަށް ދޫކުރުމަކީ މަނާ ކަމެކެވެ. އަދި އެ ތަންތަން ކުއްޔަށް ދޫކުރާ ނަމަ ފްލެޓް އަނބުރާ އަތުލުމުގެ ބާރު އެ ކޯޕަރޭޝަނަަށް ލިބިގެންވާ ކަމަށް ވެސް ވެއެެވެ.

މި ފްލެޓް 25000 އަށް ކުއްޔަށް ދޭން ޖަހާފައި ވުމުން އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ، ގެދޮރުވެރިޔާ ސްކީމަކީ މާލޭގައި ދަތި ހާލުގައި ދިރިއުޅެމުން އަންނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހުޅުވާލި ސްކީމަކުން ދޭ ފްލެޓްތަކަކަށް ވީ އިރު އެތަން ލިބޭ މީހުން ބޮޑު އަގުގައި ކުއްޔަް ދޭން ޖެހުމެވެ. އެކަމުން އެނގިގެން ދަނީ އެއީ ހާލުގައި ދިރިއުޅޭ ބައެއް ނޫން ކަމާއި ފްލެޓް ލިބުމުން އޭގެން މަންފާ ހޯދަން ތިބި ބައެއް ކަމަށް ގިން ބަޔަކު އަންނަނީ ބުނަމުންނެވެ. މީގެ ބަދަލުގައި މި ފަދަ މީހުންގެ އަތުން ފްލެޓްތައް އަތުލައި އެފަދަ ފްލެޓެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ހާލުގައި ދިރިއުޅޭ މީހުން ފްލެޓްތައް ދިނުމަށް އެމީހުން އަންނަނީ ގޮވާލަމުންވެ.

ތިން ކޮޓަރީގެ މި ފްލެޓް 25000 ރުފިޔާއަށް ކުއްޔަށް ދޭން ޖަހާފަިއވާ އިރު، ތިން ކޮޓަރީގެ ފްލެޓްތަކަށް ސަރުކާރަށް ދައްކަން ޖެހޭ ކުއްޔަކީ 11،500 ރުފިޔާއެވެ. ަރުކާރަށް ދައްލަން ޖެހޭ ކުލީގެ ދެ ގުނަ ބޮޑުކޮށް ކުއްޔަށް ދޭން ޖަހާފައިވާ އިރު އެހާ އަގުބޮޑުކޮށް ކުއްޔަށް ދޭ ކަން ފާހަގަކޮށް ވެސް ބައެއް ފަރާޓްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެ ކުރިން ސަރުކާރުން ދީފަިއވާ ހައުސިން ސްކީމްތަކަށް ބަލާ އިރު ހިޔާ ފްލެޓްތަކުގެ ގިނަ ފްލެޓްތައް ހުންނަނީ ކުއްޔަށް ދީފައި ކަމަށާއި މިގޮތަށް ފްލެޓް ލިބުމުން އެތަން ބޮޑު އަގުގައި ކުއްޔަށް ދިނުމުގެ ޓްރެންޑް ފްތުރިގެން ދިއުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބޭނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

މީގެ ކުރިން ވެސް މިފަދައިން ފްލެޓް ކުއްޔަށް ދިނުމުގެ މައްސަލަތައް ފެންމަތިވެފައި ވީ ނަމަވެސް އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ މި ފަދަ މައްސަލަތައް އިތުރުވަމުން އަންނާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެެެވެ. އަދި މިހެން މިކަން ވުމަކީ ފްލެޓްތައް ދިނުމުގައި ވެސް ހައްގުވެރިން ނޫން ބަޔަކަށް ފްލެޓް ދީފައިވާ ކަން ދޭހަވާ ކަމެއް ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.