އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑި ޖަހަން، ސޯޝަލް މީޑިއާގައި ގޮވާލި ޝުއައިބް އަލީ ފުލުސް އޮފީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.
އެރޭ ފޭސްބުކްގައި ޝުއައިބު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާނަމަ ތަޅައި ތިރިކޮށްލަންވީ، ބަޑި ވެސް ޖަހަންވީ" ކަމަށެވެ.
އެ މައްސަލަ ވަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓި ނަމަވެސް ޝުއައިބު އެމްޑީޕީގެ އާންމު މެންބަރުންނަށް އިންޒާރު ދިނުމުން އޭނާއާމެދު ފިޔަވަޅު ނޭޅުމުން އާންމުން ވަނީ ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
މީގެ އިތުރުން ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނުވެސް ހިފަހައްޓާފައި ވެއެވެ.
އެކަމާ ގުޅިގެން ފާޑު ކިޔުންތަކާއެކު އަމާޒުވެފައިވާ މި ދަނޑިވަޅުގައި ފުލުހުން މިއަދު ބުނީ، ޝުއައިބުގެ ޕޯސްޓާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި ޝުއައިބު ވެސް އޭނާ ފުލުހަށް ހާޒިރު ކުރާކަން ކަށަވަރުކޮށްދީފައެވެ.
އެގޮތުން އޭނާ ފޭސްބުކްގައި ރޭ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ކުރި އެ ޕޯސްޓާ ގުޅިގެން ގަލޮޅު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފައިވީ ނަމަވެސް މިވަގުތު އޭނާ ހުރީ އަތޮޅުތެރޭގައި ކަމުން އޭނާގެ ބަޔާން ނެގުމަށް ފުލުހުން އެހެން ގޮތެއް ހަމަޖައްސަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ.
އެރޭ ޝުއައިބު ކުރި ޕޯސްޓު ދިފާއުކޮށް އޭނާ ވަނީ، އިންޒާރު ދިނުމުގެ ގޮތުން ފުލުހުން ބަޑި ޖަހަނީ ހަމައެކަނި ގަޔަށްތޯ، ނުވަތަ އެއްވުންތައް ހުއްޓުވަން ބޭނުންކުރަނީ އެންމެ ބަޑިއެއްތޯ ސުވާލު އުފައްދާފައެވެ. އަދި ހަމަ އެހެންމެ އެއްވުންތައް މައިތިރިކުރުމަށްޓަކައި ތަފާތު ބަޑި ބޭނުންކުރާ ކަމަށްވެސް، މިކަމާ ގުޅިގެން ކުރި އިތުރު ޕޯސްޓެއްގައި އޭނާ ބުނެފައި ވެއެވެ.