އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ޗިޓު ފޮނުވަނީ އަންނަ ނޮވެމްބަރު މަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން އަންގާފައިވާ މި ދަނޑިވަޅުގައި އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، (އެމްޑީޕީ) އިސްވެ އޮވެ، 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ދިވެހިރާއްޖޭގެ ވެރިކަން ހިންގުމާ ހަވާލުވީ، އޭގެ ކުރީގެ ސަރުކާރުތަކުން، ސިޔާސީ މަގުސަދެއްގައި، ވަކި ބަޔަކަށް އަމާޒުކޮށްގެން، ނުހައްގުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމާއި އެތަކެއް އެއްބަސްވުންތަކެއް ބާތިލުކޮށްފައި ވުމާއި އަދި ގިނަ ވިޔަފާރިތަކެއް ހުއްޓުވައިފައި ވުމުގެ ސަބަބުން އެތައް ބަޔަކަށް ނުހަނު ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، އެ މައްސަލަތަކަށް ހައްލު ހޯދައިދީ، ދައުލަތުން އަމަލުކުރި ގޮތުގެ ސަބަބުން ލިބުނު ގެއްލުމަށް ޢަދުލުވެރި ބަދަލެއް އެ ފަރާތްތަކަށް ދީ، އިންސާފު ގާއިމުކުރުމަށް ވައުދުވެގެން ކަމަށެވެ.
އަދި ހަމަ އެހެންމެ އޭސީސީ ތަހުގީގުކުރަމުންދާކަމަށް އަންގައިފައިވާ މައްސަލައަކީ، އޭގެ ކުރީގެ ސަރުކާރުން ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލުކޮށްފައި ވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދަޢުވާތަކެއްގެ މައްސަލައެވެ. ޕީއެންސީގެ އަސްލު ކަމަށްވާ އޭރު އޮތް ޕީޕީއެމްގެ ސަރުކާރުން، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެކު ހަދައިފައިވާ އެއްބަސްވުންތައް ބާތިލުކުރީ އެއްވެސް ޤާނޫނީ ހަމައެއް އޮވެގެން ނޫންކަން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކުން ސާފުވާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ޕާޓީން ބުނި ގޮތުގައި ގެއްލުމުގެ ބަދަލު ދިނުމުގައި ޢަމަލުކޮށްފައިވަނީ، ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ބެލުމުގެ ބަދަލުގައި ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލައި ދިރާސާކޮށް، ހާލަތާ ގުޅޭގޮތުން އަދި ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރަ ވީހައިވެސް ކުޑަވާނެ ގޮތަށްކަން މި މައްސަލައިންވެސް ހާމަވާ ކަމަށެވެ.
އަދި ސްވިފްޓް އިންޖިނިއަރިންގެ ވެރިޔާ އަދި މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުالله ހިލްމީ ވެސް ވަނީ މި މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީން އަމަލުކުރި ގޮތުން ދައުލަތަށް ވެފައިވަނީ ފައިދާކަން ހާމަ ކުރައްވާފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެ ޕާޓީން މިފަދަ ބަޔާނެއް ނެރެފައިވާއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އެ ފަރާތްތަކުން އޭސީސީއަށް ހާޒިރު ކުރަނީ ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވުމެއްގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު ހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަން ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.