ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާވެހި ފައިންނޭންސިންގް ސްކީމުގެ ޕްރޮޖެކްޓްތައް އެޕްރޫވް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަަރުކާރުން ސަބްސިޑީ ދީގެން ހިންގާ ހިޔާވެހި ފައިނޭންސިންގް ސްކީމަކީ ގެދޮރު އިމާރާތް ކުރުމަށް ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށްވާ 5 ޕަސެންޓުގެ ރޭޓުގައި ފައިނޭންސިންގް ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ވެސް މި ލޯނު ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ބީއެމްއެލް އިން ދޫކުރާ ލޯން ސްކީމްގެ ތަފުސީލް:

  • ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)
  • އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 ޕަސެންޓު ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ
  • އިމާރަތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވޭ

ބީއެމްއެލްގެ ސީއީއޯ އަދި މޭނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލްއަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން ނަގަންޖެހެނީވެސް ވަރަށް ބޮޑު ޒިންމާއެއްކަން ފާހަގަ ކުރައްވާ ޝަރީފް އިތުރަށް ވިދާޅުވީ، މއިީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާ. ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން ކަމަށެވެ.

"ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން. އެހެންކަމުން ހިޔާވެހި ފައިނޭންސިންގ ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ނިންމިން. އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫއުތަކުގައި ހަރަކާތްތެރިވާ ބޭންކެއް." ޝަރީފް ވިދާޅުވިއެވެ.

"ހިޔާވެހި" ސްކީމްގެ ދަށުން ލޯނު ދޫކުރަން ފެށުމުގެ ގޮތުން ބީއެމްއެލުން ބޭއްވި ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރު ލިޔުން ހަވާލު ކުރަނީ

މި ޕްރޮގްރާމާއި ގުޅިގެން ހައުސިންގް މިނިސްޓްރީން ބުނީ، މިހާތަނަށް 23 އެޕްލިކޭޝަނެއް އެޕްރޫވްކުރެވިފައިވާއިރު، އޭގެ ތެރެއިން 15 ފަރާތަކާއި ލިޔުން މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.އަދި 1400 އަށްވުރެ ގިނަ އެޕްލިކޭޝަން ބަލައި، ޕްރޮސެސް ކުރަމުންދާކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ، ފައިނޭންސިންއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެއެވެ.