މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް މަސްވެރިއެއްގެ ހައިސިއްޔަތުން ގދ.ތިނަދޫ، ރިހިވެލި ރީޝަމް މުހައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.

ޕީސީބީން ބުނީ، މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، މިފްކޯގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ރީޝަމް އައްޔަން ކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ "ހަފްތާ 14"ގެ މަގުޗާޓުގައި ހިމަނާފައިވާ، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ހޮވާފައި މިވަނީ އާންމުންގެ މެދުގައި އެ ފުރުސަތަށް ހުޅުވާލައިގެންނެވެ. އޭގެ ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނީ، މިފްކޯގައި ކުރަމުންދާ މަސައްކަތްތައް މަސްވެރިންނަށް އެނގި، ކުންފުނި ހިންގުމުގައި މަސްވެރިންގެ ފަރާތުން ބަސް ބުނުމުގެ ޖާގަ ލިބިގެންދާނެ ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ، 100 ޕަސެންޓު ސަރުކާރުން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ. މިގޮތުން މިފްކޯގައި އޮތް އެސްޓީއޯގެ 99.99 ޕަސެންޓު ހިއްސާއާއި، އަދި އެލައިޑްގެ 0.01 ޕަސެންޓު ހިއްސާ ސަރުކާރަށް ވަނީ ބަދަލުކޮށްފައެވެ.

މިއީ، މިފްކޯގެ ހިންގުމުގެ ނިޒާމަށް ބަދަލުގެނެސް ދިވެހި މަސްވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު މިހާރަށްވުރެ އެފިޝަންޓްކޮށް ހިނގާ މުސްތަގިއްލު ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ކަނޑައެޅުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.