ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހުމަދު ތޯރިގު އައްޔަންކޮށްފިއެވެ.
މިކަމާ ގުޅިގެން ތޯރިގަށް މަރުހަބާ ވިދާޅުވެ އެފްއޭއެމް އިން ކުރި ޕޯސްޓެއްގައި ބުނީ މިއީ ފީފާގެ ސްޓޭންޑިން ކޮމިޓީއަކަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށާއި، އެހެންކަމުން މިއީ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެފްއޭއެމް އިން ބުނީ 2025 އިން 2029 ގެ ނިޔަލަށް ތޯރިގު އެ މަގާމުގައި ހުންނާނެ ކަމަށެވެ.
މި ކޮމިޓީ އަކީ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކަށްވާއިރު މިއީ، ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ދުނިޔޭގެ ފުޓްބޯޅައިގެ އެ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއަޅާ ކޮމިޓީއެކެވެ.
ފާހަގަކުރެވޭ ގޮތުގައި އެފްއޭއެމްގެ ރައީސް ތޯރިގު ވަނީ ފީފާގެ ދައުވަތަކަށް އެ އިދާރާގެ ހެޑްކުއާޓާޒްގައި ކުރިއަށްގެންދެވި ބައްދަލުވުމަކަށް ވަޑައިގެން ރައީސް ޖިއާނީ އިންފަންޓީނޯއާވެސް ދާދި ފަހުން ބައްދަލުކުރައްވާފައެވެ.
މީގެއިތުރުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒުވެސް ވިދާޅުވެފައިވެއެވެ.