ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ
1- އަހްމަދު މައިޝާން ނަސީމް (20އ)، ނ.ވެލިދޫ، ރެޑިޔަމްވިލާ
2- ހަސަން ނާއިމް (26އ)، ނ.ވެލިދޫ، ޑޭޒީމާގެ
3- މުހައްމަދު ހަލަފް އިބްރާހީމް (18އ) ނ.ވެލިދޫ، ޖަވާހިރުމާގެ
4- އިބްރާހީމް ރިޔާޝް (18އ) ނ.ކުޑަފަރި، ލިލީގެ
މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާއިރު، އެއެޕާޓްމަންޓުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. ފުލުހުން ބުނީީ މިތަކެތީގެ ވަގުތީ ބަރުދަނަކީ 28.61 ގްރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުންވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު އައްޑޫ ސިޓީ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އަހްމަދު އާނިމް (27އ) ސ.ހިތަދޫ، މާސާއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، މަސްތުވާތަކެތިކަމަށް ބެލެވޭ ޓިޝޫ ޕޭޕަރެއް ފެނިފައިވާ ކަމަށެވެ. މީގެ ވަގުތީ ބަރުދަނީ ދެ ގްރާމް ހުރިއިރު ފުލުހުން ބުނީ އެގެއިން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.