ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓް ހިދުމަތް ތައާރަފް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިފިއެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. އެމަނިކުފާނުގެ މި ސިޔާސަތުގެ ދަށުން މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް ފަށާފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެގޮތުގެ މަތިން މާލޭގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައިވެސް ޕާސްޕޯޓްގެ ހިދުމަތް ވަނީ ހަމަ އެ އަހަރު ތެރޭ ތައާރަފް ކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަމާޒު ހިފައިގެން ކުރިއަށްދިޔަ މި ހިދުމަތް އެންމެ ފަހުން ތައާރަފް ކޮށްފައި މިވަނީ އދ. އަތޮޅުގައެވެ.

މިރޭ މަހިބަދޫ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެރަށުގައި ޕާސްޕޯޓްގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތް ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ޑިފެންސް މިނިސްޓަރު އަލީ އިހުސާން ވަނީ އެރަށުން ޕާސްޕޯޓް ހެދި ފުރަތަމަ މީހާއާ ޕާސްޕޯޓް ހަވާލުކޮށްފައެެވެ.

މަހިބަދޫއިން ޕާސްޕޯޓް ހެދި ފުރަތަމަ މީހާއާ މިނިސްޓަރު އިހުސާން ޕާސްޕޯޓް ހަވާލުކުރައްވަނީ

މީގެ އިތުރުން ވެސް މިދިޔަ ސެޕްޓެންބަރު މަހު ވަނީ، ރާއްޖޭގެ ކޮންމެ އަތޮޅަކުން އައިޑީކާޑު ހެދުމުގެ ހިދުމަތް ދެއްވުމަށް ރައީސް ވެވަޑައިގަތް ރިޔާސީ ވައުދުފުޅުވެސް ފުރިހަމަ ކުރައްވާފައެވެ.

އަދި ސަރުކާރުން އަމާޒު ހިފާފައި ވަނީ ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސާ، ބޮޑު ހަރަދުކޮށް މާލެ ގޮސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނައުމެވެ.