މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގައި ބްރޯޑްކާސްޓަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިހާބަކާ ނުލާ ހޮވިއްޖެެއެވެ.
އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.
އެއާއެކު މީޑިއާތަކުން އިންތިހާބުކުރާ 4 މެންބަރުން ހޮވުމަށްޓަކައި އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައި އޮތީ މިމަހުގެ 11 ވަނަ ދުވަހު ނަމަވެސް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން އިންތިހާބަކާނުލާ މިވަނީ ހޮވިފައެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އޮކްޓޯބަރު 11 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގެ އިންތިހާބު 2025 ގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިހާބަށް ކުރިމަތިލާފައިވާ ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން 1 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ޝަރުތު ހަމަވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް 2 ކެންޑިޑޭޓުން ކަމަށެވެ.
އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތުހަމަވާ 2 ކެންޑިޑޭޓުން ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ. އެ މަގާމުތަކަށް އިންތިހާބުވެފައިވާ ފަރާތްތަކަކީ:
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބު ވެފައިވާ މީހުން
- އަބްދުލްއަޒީޒް އިބްރާހީމް/ މޫނިމާގެ / ށ. ފޭދޫ
- ޒަމްއަތު އަހުމަދު ވަހީދު/ މަލަ / ގދ. ތިނަދޫ
އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިހާބުވެފައިވަނީ
- ސިމާހާ ނަސީމް/ ވެލީގެ / ގދ. ރަތަފަންދޫ
- ހުސައިން ޘަގީފް/ ހިސާން / ހދ. ވައިކަރަދޫ
އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާން ރަޖިސްޓަރީކުރަން މިދިޔަ ބުރާސްފަތި ހުޅުވާލި މުއްދަތު ރޭ ދަންވަރު 12:00 ގައި ހަމަވިއިރު 190 ފަރާތަކުން ވަނީ ރަޖިސްޓްރީވާން ހުށަހަޅާފައެވެ. މީޑިއާ ކޮމިޝަންގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލުމުގެ ހައްގު ލިބޭއިރު، މި އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިމިވަނީ، ވޯޓު ލެވޭ މީޑިއާތަކުގެ 53 ޕަސެންޓެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެކަމަކު އޭގެ ތެރެއިން ތިން މެމްބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ ހަތަރު މެމްބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ.