ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ (ނާޖައިޒު ފައިދާ ހޯދުމުގެ) ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެ 4 މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ވަނީ އެމީހުންގެ ވަނަަވަރު އާންމުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

  • އަލީ އަޝްރަފް (35އ)، މ.އެތުމާ، މާލެ
  • ލުހަން ސައީދު (41އ)، ޕެރިސް، ގދ.ވާދޫ
  • ނާފިއު ރަޝީދު (39އ)، ސިލްވާ ސްޓާ، ވ.ރަކީދޫ
  • ޝިނާން އަހްމަދު (33އ) ހ.ފިނިކުރި، މާލެ

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އެ އެޕާޓުމެންޓުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާއިރު އެ މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިން، 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. މި މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ 3 ދުވަސް ޖަހާފައިވާއިރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.