މިނިވަން މުސްތަގިއްލު މަގާމުތަކާ، ކޮމިޝަންތަކުގެ މެންބަރުންނާ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް މަގާމުތަކާ ހަވާލުވާތާ އަހަރެއް ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މި އުސްލާހާއި ގުޅޭ ގޮތުން މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާ، އިސް މަގާމުތައް ފުރުއްވަވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމްކޮށްފައިނުވާތީ، އެ ބޭފުޅުން ވެސް ޖަވާބުދާރީކުރެވޭނެ އުސޫލެއް ގާއިމްކުރުވިފައި ނުވާކަމަށެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި އިތުރު ސަބަބުތައް ހާމަކޮށް މުހައްމަދު އިބްރާހީމް ވިދާޅުވީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމާއި އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ އިތުރުން ދައުލަތުގެ މުހިންމު ބައެއް އެސެޓުތައް މެނޭޖުކުރަނީ ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ކަމަށެވެ.
އެހެންކަމުން މަގާމުތަކާއި ހަވާލުވާތާ 30 ދުވަހުގެތެރޭ އެ ފަރާތެއްގެ މިލްކިއްޔާތުގައިވާ ފައިސާ އާއި މުދަލުގެ ތަފްސީލުތައް ހުށަހަޅަންޖެހޭ ގޮތް ހެދުމަށާއި، މަގާމުތަކާ ހަވާލުވާތާ އެއް އަހަރު ދުވަސް ފާއިތުވެ، ތިން މަހުގެ ތެރޭ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނެއް ހުށަހެޅުމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި މާލީ ބަޔާން ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރަންވެސް މި އިސްލާހުގައި ހުށަހަޅާފައިވެއެވެ.