އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފޮފަޅަގައު" ފަޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައި ދެއްވައިފިއެވެ.
ކުނބުރުދޫގެ ބައެއްގެ ގޮތުގައި "ފޮފަޅަގައު" ހަމަޖެއްސެވީ ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހި ކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން އެފަޅު ބޭނުން ކުރެވިދާނެ ކަމަށް ކުނބުރުދޫ ރައްޔިތުން ހުށަހެޅުމުންނެވެ.
މިއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅިފައިވާ ގޮތަށް އިސްލާހު ގެނެސް، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓު، މިހާރު ވަނީ އަދާ ހަމަކޮށްފައެވެ.
އާބާދީ އިތުރުވުމުގެ ސަބަބުން ރަށްރަށަށް ބިމުގެ ޖާގައިގެ ދަތިކަން އަންނަނީ ކުރިމަތިވަމުންނެވެ. އޭގެ ސަބަބުން ބޯހިޔާވަހިކަމަށް ބިން ލިބުމުގެ ދަތިކަމާއި ރަށްރަށުގައި ވަސީލަތްތައް ގާއިމުކުރުމާއި އިގްތިސޯދީ ފުރުސަތުތައް އިތުރު ކުރުމަށް ވެސް ގޮންޖެހުންތައް ކުރިމަތިވެއެވެ. އެގޮތުން ބިމުގެ ދަތިކަން ކުރިމަތިވާ ރަށްރަށަށް އެ ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް ބަދަލުތައް ގެނެސް ދިނުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.