އެމްޑީޕީ ކުރިއަށް ގެންދިޔަ މުޒާހަރާ ރުޅާލުމަށް ހަރަކާތްތެރިވި ފުލުހުންނާއި އެ ފުލުހުންގެ އާއިލާގެ ޒާތީ މައުލޫމާތު އާންމުކޮށް ބިރުދައްކާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލާފައި ވެއެވެ. އެގޮތުން ފުލުހުންގެ މުދަލަށާއި ތަކެއްޗަށް ގެއްލުންވާ ގޮތަށް ވެސް ބައެއް މުޒާހަރާގެ ބައިވެރިން ވަނީ އަމަލުކޮށްފައެވެ. ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ކުރުމުގައި ހަރަކާތްތެރިވާ ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގަމުންދާ އަމަލުތަކާ ގުޅިގެން ފުލުހުންގެ އިދާރާއިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
ފުލުހުން ބުނީ، ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާ އަށް ނަފްރަތު އުފެދޭ ގޮތަށާއި އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ހިދުމަތުގެ އޮފިސަރުންގެ ރަސްމީ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަ ނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީ ގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތި ކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަންކަން ކަމަށް ވެސް ފުލުހުން ބުނެއެވެ.