ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ލީޑަޝިޕް އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށްޓަކައި މޯލްޑިވްސް ވިމަން އިން ޕޮލިސިން ސަމިޓް 2025ގެ ނަމުގައި ހާއްސަ ސަމިޓެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި ސަމިޓު ފަށާފައިވަނީ އިއްޔެ ކަމަށާއި، މި ސަމިޓު މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދާނެ ކަމަށެވެ. މި ސަމިޓް ފައްޓަވައިދެއްވީ ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދުކަން ފާހަގަކޮށް ފުލުހުން ބުނީ މި ރަސްމިއްޔާތުގައި ހޯމްލޭންޑު މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންވެސް ބައިވެރިވެވަޑައިގެންފައިވާކަމަށެވެ.
ފުލުހުން ބުނީ މި ސަމިޓުގައި ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ އަންހެނުންނާއި، ގާނޫނު ތަންފީޒުކުރުމުގެ ސިޔާސަތުތައް އެކުލަވައިލާ ފަރާތްތަކާއި، އެކަޑެމިކް ދާއިރާގެ ބޭފުޅުންގެ އިތުރުން ބައިނަލްއަގުވާމީ މާހިރުން ބައިވެރިވެ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރާއި އެ ދާއިރާ ކުރިއެރުވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން މި ސަމިޓުގައި އަންހެން ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ "ޗެލެންޖް ކޮއިން'' އިފްތިތާހުކޮށް އަދި "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ފޮތް ވެސް ވަނީ ނެރެފައެވެ. މި ޗެލެންޖް ކޮއިން އިފްތިތާހު ކޮށްދެއްވީ މެޑަމް ސާޖިދާ މުހައްމަދު ކަމަށާއި ވިމެން އިން ޕޮލިސިން ފޮތް ނެރެދެއްވީ މިނިސްޓަރު އިހުސާންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ސަމިޓުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގައި މަސައްކަތްކުރާ މައި 5 އިދާރާގެ މެދުގައި، ލީޑަޝިޕް ވަރުގަދަކުރުމަށް ޑިކްލަރޭޝަންއެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި ފުލުހުންގެ ދާއިރާގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ޖިންސުގެ ހަމަހަމަކަމާ އަދި ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ބެލެހެއްޓުމަށް ބާރުއަޅައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ސަމިޓުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ތަޖުރިބާކާރު ބޭފުޅުން ކަމަށާއި، އެގޮތުން އެފްބީއައިގެ ފަރާތުން ޝެލީ ކަންނާ، ސަރްދާރް ވައްލަބާއި ޕޮލިސް އެކަޑަމީގެ ފަރާތުން ރާދިކާ ޖީ އަދި ޗައިނާގެ ހާއްސަ ޕްރޮފެސަރު ޝިއައޯޕިން ލިއު ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.