މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު މި އިންތިހާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް 6 ފަރާތަކުން ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެގޮތުން އީސީ އިން ބުނީ ބްރޯޑްކާސްޓަރުން ތަމްސީލް ކުރާ މެންބަރުންގެ މަގާމަށް 4 ބޭފުޅުން ފޯމު ހުށަހަޅާފައިވާކަމަށާއި، މީގެ ތެރެއިން 3 ބޭފުޅުންގެ ކެންޑިޑަސީ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ކެންޑިޑެސީ ގަބޫލުކޮށްފައި 3 ފަރާތުގެ ތެރެއިން 1 ފަރާތަކުން ނަން އަނބުރާ ގެންދިއުމަށް އެދިފައިވާކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ.
އިތުރަށް އީސީ އިން ބުނީ އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަގާމަށް 2 ބޭފުޅުން ފޯމު ހުށަހަޅާފައިވާކަމަށާއި، މީގެ ތެރެއިން 1 ބޭފުޅެއްގެ ކެންޑިޑަސީ ގަބޫލުކޮށްފައިވާކަމަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު، އިއްޔެ 14:00 އަށް ހަމަވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބު ކުރަން ހަމަޖެހިފައިވަނީ:
- ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން: 2
- މީޑިއާތައް ތަމްސީލުކުރާ މެންބަރުން: 2
އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިމަތިލާ ފަރާތްތަކުންގެ ފުރިހަމަ ވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައި ވުމާއި، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާން ޖެހޭ ކަމަށް ބުނެފައެވެ. އަދި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކު ކަމުގައިވެގެން ނުވާނެ ކަމަށާއި، ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ކަމުގައިވެސް ވެގެން ނުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުންތަކަކީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ލައިސަންސް ކާގެ އިތުރުން ޕާސްޕޯޓާއި ޕާސްޕޯޓު ކާޑު ކަމަށާއި، މި ލިޔުންތަކަކީ މުއްދަތު ހަމަނުވާ ލިޔުންތަކަށް ވާން ޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.