އޮކްޓޫބަރު 3 ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާ ހަލަބޮލިވެ ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފައިވާއިރު، އެއްވުމުގެ ބައިވެރިއަކަށް ހާޓް އެޓޭކް ޖެހުނީ ޕެޕާ ސްޕްރޭގެ ސަބަބުން ނޫންކަމަށް އައިޖީއެމްއެމްޗް އިން ބުނެފިއެވެ.
މި އެއްވުމުގެ ބައިވެރިއަކަށް އެވަގުތު ހާޓް އެޓޭކް ޖެހުނީ ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އައި ނަމަވެސް އައިޖީއެމްއެޗް އިން ބުނީ ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނގަދޫކޮށް، ކެއްސައި މިފަދަ ސްޓްރެސް ރެސްޕޮސްތައް އައިނަމަވެސް ޕެޕާ ސްޕްރޭއަކީ އޭގެ ޒާތުން ހާޓް އެޓޭކް ޖެހޭފަދަ އެއްޗެއް ނޫން ކަމަށެވެ.
ހާޓް އެޓޭކް ޖެހުމަށް މަގުފަހިވަނީ ތަފާތު ގޮތް ގޮތުން އުފުލާ ބުރައިގެ ސަބަބުންނާއި، ސިއްހީ ކޮންމެވެސް ސަބަބަކާހެދި ހިތުގެ ލޭހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި ލޭ ފޮނުވުން ހުއްޓުމަށް އައުމުންކަމުގައި އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗް އިން ބުނީ މި ހާދިސާއަށް ފަހު ބަލިމީހާއަށް ފަރުވާދީ، އޭނާގެ ހާލު ރަނގަޅު ވުމުން މިހާރު ސީސީޔޫގައި އެޑްމިޓު ކޮށްފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ މުޒާހަރާ ހަލަބޮލިވެފައިވަނީ ފުލުހުން ހުއްދަ ދީފައިނުވާ މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ދާން ފެށުމާއި ގުޅިގެންނެވެ. އެއާއެކު ޕެޕާ ސްޕްރޭއާއި އެލްއާރްއޭޑީ އެލާމްވެސް ބޭނުންކޮށް މީހުން ދުރަށް ޖެއްސުުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރި 3 ފުލުހަކަށްވެސް އަނިޔާވެފައިވެއެވެ. އެގޮތުން އަންހެން ފުލުސް މީހާއަށް އަނިޔާވެފައިވަނީ ޝިލްޑާއެކު ވެއްޓި ފުލުސް މީހާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ދިއުމުގެ ސަބަބުންކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އަނިޔާވި ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވާ ބެރިކޭޑުން ޖެހުމުގެ ސަބަބުން ކަމަށާއި އަނެއް މީހާއަށް އަނިޔާވީ ޝިލްޑުތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.