ރޭ އެމްޑީޕީން އިންތިޒާމު ކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށް ގެންދިޔައީ ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ހިލާފަށްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރޭގެ މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުމެ އެއްވުން ކުރިއަށް ގެންދިއުމަށް، ފުލުހުންނާއި އެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ހިލާފަުވެފައިވާ ކަމަށެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި، ކުރިން އެއްބަސްވެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކޮށްފައިވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލައި، ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފުލުހުން، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ހިލާފު ހަރަކާތްތަކެއް ހިންގާފައިވާކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި އެއްވުމެއްގެ ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލިފައިވާކަން އެގެން އޮތުމާއި، އަދި ފުލުހުންގެ ފަރާތުން ލިޔުމުންދޭ ހުއްދައަކާ ނުލައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަން ފިޔަވައި އެހެން ސަރަހައްދެއްގައި އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން މި ގާނޫނާއި ހިލާފަށް މުޒަހާރާކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުން ގާނޫނު ނެގެހެއްޓުމުގެ ގޮތުން އެ ހިދުމަތުގެ ފަރާތުން ނަސޭހަތާއި އިންޒާރު ދީފައިވޭނެކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ އިންޒާރާއި ނަސޭހަތް ދިނުމަށްފަހު އެ އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކޮށްފައިވާނެކަމަށެވެ.