ރޭ އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރި 3 ފުލުހަކަށް އަނިވެފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މީޑިއާއަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ، ރޭގެ މުޒާހަރާގައި އަނިޔާވެފައިވާ 2 ފިރިހެން ފުލުހަކާއި އަންހެން ފުލުހަކަށް ކަމަށެވެ. އެގޮތުން އަންހެން ފުލުސް މީހާއަށް އަނިޔާވެފައިވަނީ ޝިލްޑާއެކު ވެއްޓި ފުލުސް މީހާގެ ގައިމަތިން އެއްވުމުގެ ބައެއް ބައިވެރިން ދިއުމުގެ ސަބަބުންކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އަނިޔާވި ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވާ ބެރިކޭޑުން ޖެހުމުގެ ސަބަބުން ކަމަށާއި އަނެއް މީހާއަށް އަނިޔާވީ ޝިލްޑުތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އިދާރާއިން ބުނީ އަނިޔާވި ދެ މީހަކަށް ސެނެހިޔާގައި ފަރުވާދީފައިވާކަމަށެވެ. އަދި ދެން އަނިޔާވި މީހާއަށް ފަރުވާދީފައިވަނީ އޭޑީކޭގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސްދަރުތަކުން ބުނާގޮތުން 3000 އަށްވުރެ ގިނަ މީހުންނާއެކު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒަހާރާގައި، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައިވަނީ ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައެވެ. މި ގޮތުން މުޒާހާރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް ފޫއަޅުވާލަން މަސައްކަތްކޮށްފައިވާއިރު ބައެއް ފަރާތްތަކުން ފުލުހުންގެ ޝިލްޑްތައްވެސް އަތުލާފައިވެއެވެ. މި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާއިރު، މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި 6 މީހެއްގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.