ފަގީރުންގެ ލިސްޓުގައި، މި ވަގުތު ފަރުޟު ހައްޖުނުކޮށް ތިބީ 376 މީހުންކަމަށާއި މި ދައުރުގައި އެ އެންމެންވެސް ހައްޖަށް ފޮނުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ދައުރުގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ހައްޖު ނުކުރާ އެންމެން ހައްޖަށް ފޮނުވައި ނިމޭނެކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ދެ އަހަރު ތެރޭގައި ހައްޖު ނުކޮށް ތިބި 100 ފަގީރުން ސަރުކާރުން ހައްޖަށް ފޮނުވައިފައިވާ ކަމަށެވެ.

މި ވެރިކަމުގެ ފަސް އަހަރު ތެރޭގައި 1،000 މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަކީ ރައީސްގެ ވައުދެއްކަމުގައިވާއިރު އަންނަ އަހަރުން ފެށިގެން ހައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލު ބަދަލު ގެނެސް އާ އުސޫލަށް އަމަލުކުރަން ފެށުމަށްވަނީ ނިންމާފައެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކުމަށްފަހު، ކިއުގައި ގިނަ ދުވަސްވާ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އެގޮތުން އުސޫލަށް ގެނައި ބަދަލާއެކު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ހާއްސަކުރުމަށް ވަނީ ނިންމާފައެވެ. އަދި 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.