ޔުނިފޯމު އަޅައިގެން ހިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، އަންހެނުންނަކީ ސުލްހަ މަސަލަސްކަން ހިމާޔަތްކޮށް، މުޖުތަމައުގައި ގާބިލުކަން އިތުރުކޮށްދޭ ވަރުގަދަ ރަމްޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހެނދުނު އޮތް "މޯލްޑިވްސް ވިމެން އިން ޕޮލީސިންގް ސަމިޓް 2025" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
"އެމްޕަވަރޑް ވިމެން: ސޭފާ ކޮމިއުނިޓީސް" މިޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ސަމިޓަކީ ސަލާމަތީ ދާއިރާތަކުގައި އަންހެނުންގެ ކުރިއެރުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.
މި ރަސްމިއްޔާތުގައި ސާޖިދާ ވަމޯ، ގާނޫނު ތަންފީޒުރާ އިދާރާތަކާއި، ސިފައިންނާއި ކަސްޓަމްސްއާއި، އިމިގްރޭޝަނާއި އަދި މިނޫންވެސް، ޔުނިފޯމުއަޅައިގެން ހިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ތަފާތުކަން ފާހަގަކުރައްވައި، އަންހެނުންނަކީ ގާނޫނު ނެގެހެއްޓުމުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ހިތްވަރުދޭ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެއިތުރުން، ސައިބާ ކްރައިމްއާއި، އިންސާނީ ވަގުފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިސާތަކާއި، ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަތައް ފަދަ ބައިނަލްއަގްވާމީ އަދި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތާއި ހިމާޔަތްދިނުމުގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން، މަސައްކަތްކުރުމަކީ، އެކަނބަލުންގެ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ފުރުސަތުތަކެއްގެ ގޮތުގައި ދެކިވަޑައިގަތުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
އަދި، ގާނޫނު ތަންފީޒުކުރުމުގައި އަޅާލުމާއި އޯގާތެރިކަމާއި، ވާހަކަ ދެއްކުމާއި، ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުކުރިއަށްގެންދަވަމުން، ސާޖިދާ ވަނީ ކުށުގެވެށިން އަނިޔާލިބެމުންދާ މީހުން، އަދި ވަކިން ހާއްސަކޮށް އެފަދަ އަންހެނުންނާއި ކުޑަކުދިންނަށް، އިތުބާރުކުރެވޭ މަންދޫބަކު ފެނުމުން، މުއާމަލާތްކުމުގެ ފުރުސަތު އިތުރުވެގެންދާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ހަމަހަމަކަމާއެކު އަންހެނުން ބަލައިގަންނަ މާހައުލެއް ގާއިމް ކުރުމަށް މަސައްކަތްކުރެއްވުމަށް އެކަމަނާ ވަނީ، ސަމިޓުގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައެވެ. އަދި އަންހެނަކު، އޭނާގެ މުޖުތަމައު ދިފާއު ކުރުމަށް ފިޔަވަޅު އަޅާއިރު، އިންސާފުގެ އަސްލަކީ އެ އަންހެން މީހާކަންވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި، އެކަމަނާވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސް ޗެލެންޖް" ގެ ރަމްޒީ "ފައިސާ" ފޮއްޗެއް ތައާރަފްކޮށްދެއްވާފައެވެ.