ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހުރަސްއެޅި މީހުންގެ ތެރެއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން 7 މީޙުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ރޭގެ މުޒާހަރާއިން ހައްޔަރު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އަދި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ހިމެނެއެވެ. މީގެ އިތުރުން އަލީ ޖުމާން، މުހައްމަދު ޚަލަފު އިބްރާހިމް، އަޒްމީ އަލީ އަދި ހަސަން ޝާކިރު ވެސް ވަނީ ރޭ މުޒާހަރާއިން ހައްޔަރުކޮށްފައެވެ.
މި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް މުހައްމަދު ހަލަފު އިބްރާހިމް ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދާން އަމުރުކޮށްފައެވެ.
ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިން އަދަދެއްގެ މީޙުން ބައިވެރިވެފައިވާ އިރު، އާޓިފިޝަލް ބީޗުން ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް ނިކުމެފައެވެ. އެއާއެކު ފުލުހުން ވަނީ ޝީލްޑުތައް ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތް ކޮށްފައެވެ. އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި މުޒާހަރާ ހަލަބޮލިކޮށްލަން ފުލުހުން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ތުހުމަތުކުރަމުން ދަނިކޮށް ފުލުހުން ބުނީ ހުއްދަ ދީފައިވާ މަގުތައް ކުރިން އަންގާފައިވާނެ ކަމަށާއި، މަޖީދީމަގުގައި މުޒާހަރާ ކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ.
ފުލުހުން ހުއްދަ ދީފައިވާ ރޫޓާއި ހިލާފަށް މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ނުދިއުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތް ދީ އިންޒާރު ދީފައިވެއެވެ. ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތި ވެސް އުކާފައި ވެއެވެ. ހަމައެއާއެކު ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް ވެސް މުޒާހަރާގެ ބައެއް ބައިވެރިން ނަގައިގެން ގެންގޮސްފައި ވެއެވެ.