މިރޭ އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހުރަސްއަޅަމުން ގެންދިޔަ މީހުންގެ ތެރެއިން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް އެ ޕާޓީން ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ބުނީ ހައްޔަރުކުރެވުނު މީހުންގެ އަދަދާއި ވަނަވަރު އަދި ޔަގީންކުރެވިފައި ނުވިނަމަވެސް، މަދުވެގެން 6 މީހުން މިހާރުވެސް ހައްޔަރުކޮށްފައިވާކަމަށެވެ. އެމްޑީޕީން ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އެހެންކަމުން މި މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

އެމްޑީޕީން އިތުރަށް ބުނީ އެ ޕާޓީން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި މުޒާހަރާ ހަލަބޮލި ކުރުމަށް މަސައްކަތްކޮށްފައިވަނީ ފުލުހުން ކަމަށާއި އެގޮތުން ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިންގެ އިތުރުން ނޫސްވެރިންނަށްވެސް އެކަމުގެ އަސަރުކޮށްފައިވާކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުތުމާއި ގުޅިގެން ފުލުހުން ވަނީ ޝީލްޑުތައް ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ކޮށްފައެވެ. އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި މުޒާހަރާ ހަލަބޮލިކޮށްލަން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ތުހުމަތުކުރަމުން ދަނިކޮށް ފުލުހުން ބުނީ ހުއްދަ ދީފައިވާ މަގުތައް ކުރިން އަންގާފައިވާނެ ކަމަށާއި، މަޖީދީމަގުގައި މުޒާހަރާކުރުމަށް ހުއްދަ ދީފައިނުވާނެ ކަމަށެވެ.

ފުލުހުން ބުނީ ހުއްދަ ދެވިފައިވާ ރޫޓާއި ހިލާފަށް މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ނުދިއުމަށް ތަކުރާރުކޮށް ނަސޭހަތްދީ އިންޒާރު ދީފައިވާނެ ކަމަށާއި، ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތިވެސް އުކާފައިވާކަމަށެވެ.

ފުލުހުންގެ އާލާތްތައްވެސް މުޒާހަރާގެ ބައިވެރިން އަތުލަން މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކޮށްފައިވާކަމަށެވެ. ފުލުހުން މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެއެވެ.