މަޖީދީ މަގުގައި މުޒާހަރާކުރުމަށް ހުއްދަ ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބާރުގެ ބޭނުންކޮށް އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި މުޒާހަރާ ހަލަބޮލިކޮށްލަން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން ތުހުމަތުކުރަމުން ދަނިކޮށް ފުލުހުން ބުނީ ހުއްދަ ދީފައިވާ މަގުތައް ކުރިން އަންގާފައިވާނެ ކަމަށާއި، މަޖީދީމަގުގައި މުޒާހަރާކުރުމަށް ހުއްދަ ދީފައިނުވާނެ ކަމަށެވެ.
ފުލުހުން ބުނީ ހުއްދަ ދެވިފައިވާ ރޫޓާއި ހިލާފަށް މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ނުދިއުމަށް ތަކުރާރުކޮށް ނަސޭހަތްދީ އިންޒާރު ދީފައިވާނެ ކަމަށާއި، ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅި ފަދަ ތަކެތިވެސް އުކާފައިވާކަމަށެވެ.
ފުލުހުންގެ އާލާތްތައްވެސް މުޒާހަރާގެ ބައިވެރިން އަތުލަން މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް މުޒާހަރާގެ ބައިވެރިން މަސައްކަތް ކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި ފުލުހުން ޕެޕާ ސްޕްރޭގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ މި ޝީލްޑުތަކުގައި ޖެހިގަނެ ބައެއް ޝީލްޑު ފުލުހުންގެ އަތުން އަތުލާ މުޒާހަރާގެ ތެރޭގައި އުކަން ފަށާފައެވެ. ނަމަވެސް އެމްޑީޕީން ދަނީ ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެގަނެ ރައްޔިތުންނަށް އަނިޔާވަފަދައިން އަމަލުކުރަމުން ދާކަމަށް ބުނަމުންނެވެ. މިއީ ސުލްހަވެރި ހަރަކާތެއް ކަމަށާއި މި ހަރަކާތް ހަލަބޮލިކުރުމަށް މަސައްކަތް ކުރަނީ ފުލުހުން ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.