މަސްދަރުތަކުން ބުނާގޮތުން 3000 އަށްވުރެ ގިނަ މީހުންނާއެކު އެމްޑީޕީގެ ލޫޓުވައިފި މުޒާހަރާ ފަށައިފިއެވެ.

މިރޭ އާޓިފިޝަލް ބީޗު ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ހާޒިރުވެ މުޒާހަރާފަށާފައިވާއިރު، މުޒާހަރާގެ ބައިވެރިން ދިޔައީ ދިވެހި ދިދަ ހިފައިގެންނެވެ. އެމްޑީޕީން ބުނީ ހުރިހާ އުމުރުފުރާތަކެއްގެ މީހުން މި މުޒާހަރާގައި ބައިވެރިވެފައިވާކަމަށާއި، މުޒާހަރާގައި ތިބީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން ނޫން ކަމަށެވެ. މިއީ ގައުމީ މުޒާހަރާއެއްގެ ގޮތުގައި ފާހަގަކޮށް އެމްޑީޕީން ބުނީ ހާޒިރުވެ ތިބި ހުރިހާ ފަރާތްތަކުންވެސް ހާޒިރުވެ ތިބީ ރައްޔިތުންގެ އަޑު ސަރުކާރަށް ނީވުމުން އެ އަޑުތައް ސަރުކާރަށް އިއްވައިދިނުމަށް ކަމަށެވެ.

މުޒާހަރާގެ ފަރާތްތަކަށް ހުރަސްއެޅުމަށް އާޓިފިޝަލް ބީޗު ކައިރީ ފުލުހުން ބެރިކޭޑު ޖަހާ މީހުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާކަން ފާހަގަކޮށް އެމްޑީޕީން ބުނީ މި ހަރަކާތް ފެށުމުގެ ކުރިން ފުލުހުން ބެރިކޭޑުތައް ޖަހަން ފަށާފައިވާ ކަމަށެވެ.

މި ހަރަކާތް ފެށުމަށް އާޓިފިޝަލް ބީޗުގައި މިހާރު ބާއްވަމުންދާ ހަރަކާތުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވަނީ މާލީ ސިޔާސަތު ފުޑާލާ އެސްއޯއީތައް ފުނޑާލާ ބަޖެޓު ލޫޓުވުން ހުއްޓާލާ ކުރިއަށް އޮަތް 5 ހަފްތާ ތެރޭ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދީ ނިންމަން ގޮވާލާފައެވެ. އަދި ލާމަރުކަޒީ ނިޒާމު އިހު އޮތްގޮތަށް ހެދުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލް ކުރުން ވަގުތުން ހުއްޓުވާލަންވެސް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އާސަންދައާއި ބޭސްވެރިކަން 17 ނޮވެމްބަރު 2023 ގައި ލިބިގެން އައި މިންވަރަށް މިހާރުން މިހާރަށް ބަދަލުކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ރައީސް މުއިއްޒު އިސްތިއުފާއަށް ގޮވަމުން މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުންނަމުން ދާއިރު، ޓެކްސީތަކާއި، ބޭސްފަރުވާގެ އިތުރުން ދަރިވަރުން އަދި އިގްތިސާދުވެސް ލޫޓުވައިފިކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލާފައެވެ.